ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން[އެމްޓީޑީސީ] އިން އައްޑު އަތޮޅުގައި ހަދާފައިވާ ހެރެތެރެ އައިލެންޑް ރިސޯޓް އަންނަ މަހުން ފެށިގެން ތައިލެންޓްގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ އޮނިކްސް ހޮސްޕިޓޭލިޓީ ގުރޫޕަށް ކުއްޔަށް ދޭން ނިންމައިފި އެވެ.
އެމްޓީޑީސީ އާއި އޮނިކްސް ހޮސްޕިޓޭލިޓީ ގުރޫޕުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. އެދެ ފަރާތުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި އޮނިކްސް ހޮސްޕިޓަލިޓީ ގުރޫޕުން ބުނެފައި ވަނީ އެމްޓީސީސީ އާ ގުޅިގެން އެ ރިސޯޓު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު ފެށެން ވާއިރަށް އެ ރިސޯޓުގައި އިތުރު ބީޗް ވިލާތަކާއި ކުޅިވަރު ކުޅޭނެ އިތުރު ތަންތަން ބިނާކުރާނެ ކަމަށެވެ.
އޮނިކްސް ހޮސްޕިޓޭލިޓީ ގުރޫޕަކީ ދުނިޔޭގެ އެތައް ގައުމެއްގައި ތަފާތު ހޮޓެލް ބުރޭންޑްސްތައް އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި އަމާރީ އާއި ސެފްރޯން ފާހަގަ ކޮށްލެވެ އެވެ. ހެރެތެރެ އައިލެންޓް ހޮޓެލް ހިންގުމަށް އޮނިކްސް އިން ކަޑަ އަޅާފައި ވަނީ އަމާރީ ބުރޭންޑްގެ ދަށުންނެވެ.
ހެރެތެރެ ހިންގުމަށް އޮނިކްސް ހޮސްޕިޓޭލިޓީ ގުރޫޕަށް އެ ރަށް ކުއްޔަށް ދިނީ ކިހާވަރަކަށް ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް ވެސް އެމްޓީޑީސީ އިން ހާމައެއް ނުކުރެ އެވެ.
No comments:
Post a Comment