26 އޮކްޓޯބަރ، 2010
ނާހީ ގިސްލަގިސްލާ ރޮމުން ގެންދިޔައެވެ. ހީވާކަހަލައެވެ. އެނިކަމެތި އަންހެން ކުއްޖާގެ ހިތްވިރިގެން ފައިބަނީއެވެ. އޭނާއަކީ ކާކުކަން ހުދު އޭނާއަށްވެސް ނޭނެގޭ ވަރަށް އޭނާގެ ހާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. އެކަމަކު އޭނާގެ އެއްވެސް ކުށެއް ނެތެވެ. އެހެންމީހުން ކުއްކުރުމުން އޭގެ އަދަބު ލިބޭ މީހަކަށް މިއަދު ނާހީވަނީ ވެފައެވެ. ކިތަންމެ ވަރަކަށްވެސް އެކުވެރިޔާއަށް އޭނާގެ ހާލަތު ކިޔާދޭން ބޭނުންވިޔަސް މިއަދު އޭނާއަކަށް އެކަމެއް ކުރެވޭކަށް ނެތެވެ. އޭނާގެ ކުރިމަތީގައި ވަނީ ނާމާތް ކަމާއި ބިރުވެރިކަމުގެ ނުރައްކާތެރި ހާލަތަކެވެ. އެހާލަތުން މިންޖުވުމަށްތަކައި އޭނާއަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ހުރިކަމަކަށްވެސް މިހާރު އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.
ތަފާތު އެތައްފަހަރު ނާހީގެ މޮޅިވެރިކަމާއިމެދު ޝައްކުކުރެވޭތީ އޭނާގެ އެކުވެރިޔާ ރިޒުނާ ސުވާލުކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކަމެއް ނުވާކަމަށް ބުނެ އޭނާ އޭނާގެ ހަޔާތުގެ ހިތްދަތިކަށް ފޮރުވައެވެ. އެކަމަކު އެގޮތަށް އޭނާ ކަންކުރަނީ ކުރިމަތިގައި އޮތް މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަންގައިމެވެ.
”
ރިޒޫ… އަހަރެން އެއްވެސް ކަމެއް ނުފޮރުވަން. ތަބީއީ ގޮތުން މަޑުމޮޅި ކަމަކީ އަހަންނަށް ލިބިފައިވާ ސިފައެއް. މީކީ އެއްވެސް ހިތްދަތި ކަމަކާ ނޫނީ އުފާވެރިކަމަކާ ގުޅުން ހުރި ކަމެއް ނޫން” ނާހީ ވާހަކަ ދެއްކީ އޭނާގެ ރަހްމަތްތެރިޔާ ރިޒުނާއާއިއެވެ. އެދެކުދިން ވާހަކަ ދައްކަން ތިބީ ރިޒްނާގެ ސިޓިން ރުމްގައެވެ.
އަހަންނަށް ހަމަ ޔަގީން ކުރެވޭ ކަހަލަ. ނާހީ އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިރުކުރޭ އަހަރެމެން ކުލާސް ތެރޭ އެހާ ވަރަށް މަޖާ ކުރާ އިރުވެސް ނާހީގެ މޫޑު ބަދަލެއް ނުވެއެވެ.
ހީވަނީ ހިލައިގެ ބުދެއްހެނެވެ. ރިޒްނީ ނާހީގެ ފަރާތުން އެއްޗެއް އޮޅުންފިލާތޯ މަސައްކަތްކުރިއެވެ. ނަމަވެސް ނާހީގެ ފަރާތުން އެއްވެސް އެއްޗެއް ނޭނގުނެވެ.
”
މީދެން އަހަރެންގެ ތޮބީޢީ އާދައެއް. އަހަރެންވެސް ބޭނުންވޭ ރިޒޫމެން އުޅޭގޮތަށް މަޖާކޮށް ހީއުފާކޮށްހަދަން، އެކަމަކު އެކަމެއް ނުކުރެވޭ. ހިތާއި ނަފުސު އެކަމަށް ފުރުޞަތެއްނުދޭ……….” ލޮލަށް ކަރުނައިގެ އަސަރު ވެރިވާންއުޅުނު ކަމުގައިވިޔަސް ނާހީ އެވަގުތު އެކުވެރިޔާ އޭނާގެ ހާލަތު ސިއްރުކޮށް ވަންހަނާކުރުމަށްޓަކައި އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރިއްޖެއެވެ. އެދުވަހުވެސް އޭނާ އޭނާގެ ދިރިއުޅުމާއިބެހޭ ގޮތުން އެއްވެސް ވާހަކައެއް ކިޔައެއްނުދެއެވެ. ބައެއްފަހަރު އޭނާގެ މަންމަ ޒަރާނާވެސް އެސުވާލުކުރެއެވެ. ނާހީ ކޮންމެވެސް ކަމަކާމެދު އަބަދުމެ ފިކުރެއްގައި ހުންނަކަން އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ނާހީ ހިތްވަރުކޮށްފަ އެއްވެސް ކަމެއް ނުވާކަމަށް ބުނެއެވެ.
ދަރިފުޅުގެ ހަރަކާތްތަކަށް ފަހަކަށް އައިސް އަންނަމުންދާ ބަދަލާމެދު އޭނަވެސް ހުންނަނީ ފިސާރި ކަންބޮޑުވެފައެވެ. އެދަރިފުޅުގެ ޢުމުރުން ނުވައަހަރުފުރި ފުރިހަމަ އަންހެނެއްގެ ސިފަލިބުމުގެ ކުރިން އުޅެމުން އައިސްފައިވަނީ ވަރަށް ހަލަނި ސަކަ މިޒާޖެއްގެ ކުއްޖެއްގެ ގޮތުގައެވެ.
އޭރު އަބަދުމެ އޭނާ އޭނާގެ ބައްޕަ ފިރުދައުސްގެ ކަރުގައި އެލިގަނެ ބައްޕަގެ އުނގަށްއަރާވެސް އުޅޭމެއެވެ. ނަމަވެސް ނުވައަހަރު ފުހަމަވުމާއެކު ނާހީގެ ހުރިހާކަމެއްވެސް ވަނީ ބަދަލުވެފައެވެ.
ކުއްލިއަކަށް އޭނާގެ ބަސްވެސް މަދުވީއެވެ. ހީވަނީ އަބަދުވެސް ކޮންމެވެސް ބިރުވެރިކަމެއްގެ ތެރޭގައި ހުންނަހެނެވެ. އޭނާ އެކަނި ގޭގައިއުޅޭވަގުތު މީހަކު ދޮރެއްހުޅުވާލިއަސް އޭނާ ސިހެއެވެ.
”
ދަރިފުޅާ…… ދަރިފުޅު މަންމައަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ ބުނެބަލަ. މަންމަގާތު$ ޒަރާނާ ދަރިފުޅުގެ އިޙްސާސްތަކާމެދު ވިސްނަމުން ވާހަކަދެއްކިއެވެ.
”
ނުވޭ އެއްވެސް ކަމެއް…. މަންމަ އަބަދުވެސް ބޭނުންވަނީ ކުޑަކުއްޖަކުހެން އަބަދު ސަކަރާތްޖަހާތަން ދެކެންތަ؟ އެކަހަލަ އުފާވެރިމޫޑެއް މިހާރަކު ނުހުރޭ” ނާހީ ހީވަނީ ސިއްރުތަކެއް ހާމަކުރުމުގައި ފަސްޖެހޭތީ އުޅޭހެންނެވެ. ނޫނީ ކޮންމެވެސް މަޖުބޫރީ ހާލަތެއްގައި ބަދެވިފައިވާފަދައެވެ. ހަޤީޤަތުގައި ދިމާވެގެންއުޅޭ ކަމަކީ ކުޑަކަމެއްނޫނެވެ. މިހާރު ދިރުއުޅުމަކީވެސް ހަޔާތުގައި އޭނާޔަށް މުހިއްމު އެއްޗަކަށް ނުވާވަރަށް ދިރިހުރުންމަތިން އޭނާވަނީ ފޫހިވެފައެވެ. އެހެންނަމަވެސް ކުރިމަތީގައިވަނީ ނުރައްކަލުގެ ފާރެކެވެ. އެފާރުމަތިން އަރައިގެންގޮސް ހަޔާތުގެ ހިތިކަމާއި އޭގެސަބަބުން ކުރާ ވޭނީ އަސަރުތަކާއިބެހޭގޮތުން ހާމަކުރެވޭ ފަދަ ހިތްވަރެއް އޭނާގެ ކިބަޔަކުނެތްމެއެވެ.
އެކުވެރި ރިޒުނާ އަށްވެސް އެވާހަކަ ކިޔައިދީ ހިތާމަތަށް ހިއްސާކުރުމުގައި އޭނާ ފަސްޖެހެނީ އެފާރު އޭނާގެ ބޯމައްޗަށް ވެއްޓިދާނެތީއެވެ.
”ފިރުދައުސް އެމަންޖެއަށް މިހާރަކަށްއައިސް ކިހިނެއްވެފަތަ އެހުންނަނީ. ބަސް މަދުވެ އެއްވެސް އުފާވެރި މޫޑެއްގަ ހުއްޓާ ފަހަކަށް އައިސް ދުވަހަކުވެސް ނުފެނޭ. އަޅެ ފިރުދައުސް ނާހީ އާއި ސުވާލުކޮށްލަބަލަ” ޒަރާނާ ވާހަކަދެއްކީ އޭނާގެ ފިރިމީހާ އާދެ ނާހީގެ ބައްޕަ އާއިއެވެ. ”އެގޮތަށް ބަސްމަދުވެފައިހުރީމާ މާރަނގަޅެއްނޫންތަ؟ އަހަންނަށް ރަނގަޅީ އެގޮތަށް ބަސްމަދުކޮށް ހުރީމާ އެހެންނޫނީ.. މީހުންގެ ލޯތަކުގައި އެމަންޖެ އަޅައިގެންފާނެ. އެކަން އެގޮތަށް ވިޔަދީގެންނުވާނެ” ފުރުދައުސް ބުންޏެވެ.
”
އަހަރެންގެ މައްސަލައަކީ ކުއްލިއަކަށް އެމަންޖެއަށް އައިސްފައިއެވާ ބަދަލު އަހަރެމެން ހައިރާންވާހާ ބޮޑަށް އެވަނީ ބަދަލުވެފައި. ހަޤީޤަތުގައި ފިރުދައުސްމެނަކަށް އަންހެން ދަރިއެއްގެ އިހްސާސްތަކެއް ނޭނގޭނެ. އަހަރެންނަށް އަހަރެންގެ އެދަރުފުޅުގެ އިހްސާސްތައް ވަރަށް ރަނގަޅަށް އެނގޭ.. އެމަންޖެގެ ދޮންބެވެސް އެއްދުވަހު އަހަންނާ އެކަމާބެހޭގޮތުން ސުވާލުކޮށްފިމިހާރު” ޒަރާނާ ބުންޏެވެ. ޒަރާނާ ބުނީ ތެދެކެވެ. ނާހީގެ އެއްބަނޑުއެއްބަފާ ދޮންބެވެސް ނާހީގެ ބަދަލާއި ބެހޭގޮތުން މަންމަ ޒަރާނާ އާއިސުވާލުކޮށް މަޝްވަރާކޮށްފިއެވެ. އެއްވެސް ކަމެއްނުވާކަމަށް ހެދިގެން މަންމައާއި ބޭބެ އަދި ބައްޕަގެ ކުރިމަތީގައި އުޅުނަސް އޭނާ ފަހަކަށްއައިސް ދަނީ ނުހަނު ބިރުވެރި ކަންތައްގަނޑެއްގައި ގައިދުވެ އެކަމުގެ ފިކުރުތަކުން ބޯހާސްވަމުންނެވެ.
އެހާދިސާގެ މެދުވެރިޔަކީ ކާކުކަން ކުރިން އޭނާއަށް ނޭންގުނަސް ފަހުން އޭނާޔަށް އެއީ ކާކުކަން ކޮންމެވެސް ވަރަކަށް މޭރުންވާންފަށައިފިއެވެ. ވުމާއިއެކު އެކަނިވާ ކޮންމެ ވަގުތަކީވެސް އޭނާގެ އޭނާގެ ދެލޯ ކަރުނައިން ބަރާވެ (ކަރުނައިން ފުރިގެންދާ) ވަގުތުތަކަށްވަނީ ވެފައެވެ. ހީވާ ކަހަލައެވެ. އޭނާގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިއަކީ ހިތި ކަރުނައެވެ. ރޭގަނޑު ހަމަނިދިނުލިބޭހިނދު އޭނާއަށް ދުވާލުގެ ހަތަރުދަންވެސް ހޭދަކުރަންޖެހެނީ އެބުރަބޮޑު ފިކުރުތައް ކުރުންމަތީގައެވެ.
”
ނާހީ ކުލާސް ހުރިހާކުދިން މާދަމާ ދަތުރުދާން ކަމަށް މިއުޅެނީ، ނާހީވެސް ދާންވާނެއްނު. މިހާރު ކުޑަބަނޑޮސްވެސް އެހާމަޖަލެއްނޫން. އެހެންކޮންމެވެސް ދިމާއަކަށްދާނީ. އަދިދާނެ ވަކިތަނެއް އަހަރެމެން ނުނިންމަން” ރިޒުނާ ސްކޫލް ނިންމާފަ ގެއަށްދަމުން ނާހީގާތު ބުންޏެވެ.
އެދަތުރު ރާވާ ހިންގުމުގެ މޭސްތިރިއަކީ ސީދާ ރިޒުނާއެވެ. ރިޒުނާ ބޭނުންވަނީ އެކުވެރިޔާގެ މޫޑު ބަދަލުކުރެވޭނެ މަގެއްހޯދާށެވެ. އެކަމުގައި ރިޒުނާޔާއެކު ނާހީގެ ޒަރާނާވެސް ހިއްސާވެއެވެ.
އެދަތުރެއް ރޭވުމަށް ރިޒުނާއަށް މަޝްވަރާ ފުރަތަމަދިން މީހަކީވެސް ނާހީގެ މަންމައެވެ.
”ހަމަރަނގަޅަށްވެސް ރިޒޫއަށް އެނގޭނެ. ދަތުރުދިއުމަކީ އެއްދުވަސްވަރެއްގައިވެސް އަހަރެން ޝައުގުވެރިވާކަމެއްނޫންކަން. އަހަރެން ދަތުރުދާހިތެއްނުވޭ. ހަމަ ހަޤީޤަތުގައިވެސް ރިޒޫ އަހަރެން ނުދާނަން…” ފުރަތަމަވެސް ނާހީ އިންކާރު ކުރިއެވެ.
”
ނާހީއާއިނުލާ އަހަރެމެން ދަތުރެއްނުދާނަން. އަހަރެމެން ގަދަކަމުން ނަމަވެސް ނާހީ ގެންދާނަން” ރިޒުނާ ބުންޏެވެ. އެފަދަ ކަންކަމުގައި ރިޒުނާ މާބޮޑަށް ވާންކުރާނަމަ އަބަދުވެސް އެކަމެއް ނިމޭނީ ރިޒުނާ ބޭނުންވާގޮތަށެވެ. ހަމައެކަނި ރިޒޫނާޔަށް ނުހޯދެނީ ނާހީގެ ބަދަލުވެގެންދާ ދިރިއުޅުމުގެ ހިމޭންކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެވެ.
”
ތިޔަހާވަރުން އަހަރެން ގެންދަން ބާރުއަޅަންޏާ އަހަރެން ދާނަން. އެކަމަކު ރިޒޫގެ އުފަލަށްޓަކައި ދާން މިނިންމަނީ. ރިޒުނާ ޖެހިގެންހުރި ބުޓީއަށް މަގޭ ސަލާމް ވައްޓާލަބަލަ” ނާހީގެ ވާހަކައިގެ ތެރެއިން ފިރިހެން ކުއްޖެއްގެ އަޑު އިވުނެވެ.
ނާހީއާއި ރިޒޫއަށް އެއަޑު އައިދިމާއަށް ބަލައިލެވުނީ އެއްފަހަރާކަހަލަ ގޮތަކަށެވެ. އެދިމާލުގައި ފިހާރައެއްގެ ދޮރުމަތީގައި ސައިކަލެއްގެމަތީ އިނީ ކޮންމެވެސް ވަރަކަށް އޭނާވެސް ދަންނަ ޒުވާނެކެވެ.
”
ޝާހް ކިހިނެއް. އަހަރެން ނުބުންޏަސް ސަލާމް ތިޔަ ބުނެވުނީނު” ހިނިތުންވެލަމުން ރިޒުނާ އަނެއްކާވެސް ހިނގައިގެންފިއެވެ. ނާހީ އެދިމާލަށް އޭގެ ފަހުން ބަލާވެސް ނުލާ ހިނގައިގެންފިއެވެ.
”
ސަލާމް ބަލައިވެސް ނުގަންނަ ކުއްޖެއްތަ؟ ހާދަ ފޮންޏޭދޯ؟” ޝާހް އެމީހުންގެ ފަހަތުން ސައިކަލް ދުއްވާލިއެވެ. ނަމަވެސް ނާހީ އަގަޔަކުންވެސް ނުބުނެއެވެ. އޭނާ އިސްއޮބާލައިގެން ހުރެމެ ކުރިޔަށްދިޔައެވެ. ”ސަލާމް ބަލައިނުގަންނަހާ ހިނދަކު އަހަރެން ފަހަތުން ދާނަން. ރަނގަޅުދޯ ޔުނިފޯމްގަތިއްބާ ފަހަތުންދިޔަޔަސް” ޝާހް ސައިކަލް އެމީހުނާ ހަމަކޮށް އެއްހަމައެއްގައި މަޑުމަޑުން ދުއްވަންފެށިއެވެ.
”
ވައަލައިކުމުއްސަލާމޭ. ދެން އައިކޮޅަށް އެނބުރިދާންވީނު….” ހިތްހަމަނުޖެހިފަހުރެ ނާހީ ސަލާމް ބަލައިގެންފިއެވެ. ޝާހް އައިކޮޅަށް ސައިކަލް އަނބުރާލުމަށްފަހު ދިޔައެވެ.
”
ހާދަ ބަސްޤަބޫލުކުރާ ކުއްޖެކޭދޯ؟ އަހަރެން އެހެންބުންޏަސް ދާނެކަމަކަށް ހިޔެއްނުކުރަން” މިހެންބުނެފައި އޭނާ ފަސްއެނބުރި ބަލައިވެސްލިއެވެ.
”އައްދޭ އޭނާދިޔަމާ އަސަރުވެސް ކޮށްފިދޯ؟ އަނެއްކާ ހިތްކީދޯ؟” ރިޒުނާ ދިމާކުރިއެވެ.
”ތިބުނާފަދަ ގޮތަކަށް މީހަކާމެދު ވިސްނުމަކީ އަހަންނަށް ކުރެވޭނެކަމެއްނޫން. އަހަރެން ބިރުގަނޭ….” މަޑުމަޑުން ނާހީއަށް އިހްތިޔާރުން ބޭރުގަ އޭނާގެ ހާލަތު ރަހްމަތްތެރިޔާއަށް ކިޔައިދެވެން އުޅުނެވެ.
”
ކީކޭ!؟ ބިރުގަނެއޭ ކޮންކަމަކާ ނާހީ ބިރުގަންނަނީ އަވަހަށް ބުނެބަލަ. މިހާރު އަހަންނަށް ޔަގީންވެއްޖެ ނާހާ އަހަންނަށް ވަރަށްބޮޑު ކަންތައްގަނޑެއް އެބަ ސިއްރުކުރޭ” ރިޒުނާ ނާހީގެ އަތުގައި ހިފެހެއްޓިއެވެ. ނާހީ މަޑުޖެހިލިއެވެ.
”
އެއްވެސް ކަމެއްނުވޭ. މީހުނާ ރައްޓެހިވާން ބިރުގަންނަ ވާހަކަ މިބުނަނީ… އެއްވެސް ކަމެއްނުވޭ.. ރިޒޫ މާގިނަފަހަރުދެން އަހަންނާ ތިކަހަލަ ސުވާލު ނުކޮށްބަލަ ޕްލީޒް….” އޭރު އެމީހުންނަށް ނާހީގެ ގެއާއި އަރައި ހަމަވެއްޖެއެވެ.
ނާހީއަކީ މާލޭގެ ގެދޮރުހުރި ތަނަވަސް އާއިލާއެއްގެ ކުއްޖަކަސް ރިޒުނާއަކީ ނާހީގެ ގޭގައި އުޅެމުން އަންނަ ރަޒާނާގެ ރައްޓިއްސެއްގެ ދަރިއެކެވެ. އެހެންވެ އެއީ ނާހީގެ އެންމެ ގާތް ރަހްމަތެރިޔާވެސް މެއެވެ. ރިޒްނާ އެގޭގައި ދިރިއުޅުނުނަމަވެސް ކޮންމެ ހަފުތާ ބަންދު ދުވަހެއްގައި ރިޒުނާ އުޅެނީ އޭނާގެ ބޮޑުދައިތަގެ ގޭގައެވެ. ވުމާއިއެކު އެފަދަ ކޮންމެ ދުވަހަކީވެސް ނާހީއަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވިގެންދާ ދުވަހެކެވެ. ރިޒުނާ ތަކުރާރުކޮށް އެތައް ފަހަރަކު އާދޭސް ކުރީމާވެސް ނާހީ ދަތުރުދާކަށް އެއްބަހެއްނުވިއެވެ. އޭނާ ބުނީ ރިޒުނާ އެކަނި ދިއުމަށެވެ. ހީވާކަހަލައެވެ. އެކަމުގައިވެސް އޭނާއަށް ހުރަސްތަކެއް ކުރިމަތިވަނީއެވެ.
މިއާދައިގައި ދުވަސްތައް ފާއިތުވަމުންދާއިރު ނާހީގެ އެކަނިވެރި ހިތްދަތި ދިރިއުޅުމަކަށް ހަމަ ކުޑަވެސް ބަދަލެއްނާދެއެވެ. ކުރިއެކޭވެސް އެއްފަދައިން މިހާރުވެސް އޭނާހުންނަނީ އެމަޑުމޮޅި ކަންމަތީގައެވެ. ބައެއްފަހަރު ކުރިޔަށްވުރެވެސް އޭނާގެ މަޑުމޮޅިކަން ބޮޑުވެފައިވާކަން ފާހަގަކުރެވޭމެއެވެ. ކުރިޔަށްވުރެވެސް ތަފާތުކަމެއް މިހާރު އޭނާގެ މަންމައަށް އޭނާގެ ކިބައިންފާހަގަކުރެވެއެވެ. ކުއްލިކުއްލިއަށް މިހާރު ނާހީ ސިހެނީއެވެ. އޭނާޔަށް ނޭންގިހުއްޓާ ކިތަންމެ ކުޑަ އަޑެއް އިވުނަސް އޭނާޔަށް ލިބިގެންދާ ސިހުމަކީ އެހެންމީހުން ހައިރާންވާފަދަ ސިހުމެކެވެ.
”ދަރިފުޅާ މަންމަ އާއި ބައްޕަޔަށް ސިއްރުނުކޮށް ކަމެއް ދިމާވިޔަސް ބުނެބަލަ. ދަރިފުޅަށް ތިމަ އަންނަ ބަދަލުތަކުގެ ސަބަބުން މަންމަ އާއި ބައްޕަވެސް މިތިބެނީ ވަރަށް ކަންބޮޑުވެފައި” ޒަރާނާ ދަރިފުޅުގެ ބޮލުގައި ފިސާރި އޯގާތެރިކަމާއެކު ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ގާތުގައި ނާހީގެ ބައްޕަ ފިރުދައުސް އާއި އޭނާގެ ދޮންބޭބެވެސް ހުއްޓެވެ. އޭނާގެ ދޮންބެ ނިހާން އަކީ އޭނާދެކެ އިންތިހާއަށް ލޯބިވާ އޭނާގެ ކަންތައްތަކާމެދު ވަރަށްބޮޑަށް ވިސްނާ މީހެކެވެ. އޭނާ ރިޒޯޓްގެ ވަޒީފާގައި އުޅޭއިރުވެސް ކޮންމެދުވަހަކުވެސް އެއްފަހަރު ނަމަވފެސް ނާހީއަށް ގުޅާ ހާލު އޮޅުންފިލުވާ އުޅެއެވެ. އާއިލާތެރެއިން ހަޤީގަތުގައި އޭނާއަށް ލޯތްބާއި އޯގާތެރިކަން އިންތިހާއަށް ލިބެމުންދޭވެސް މެއެވެ. ނިހާންގެ ކަންބޮޑުވުމަކީ އެމީހުންގެ ލޯތްބާއި އަޅާލުން ލިބެމުންދާ ހިނދުވެސް ނާހީއަށް އަންނަމުންދާބަދަލުތަކެވެ.
”
ދޮންބެ އަށް އެނގޭ ކޮއްކޮ އަށް ވަރަށްބޮޑަށް ބަދަލުއަތުވެއްޖެ. ކޮއްކޮ ތިޔައުޅެނީ ސިއްރުކުރަން. އާއިލާ ތެރެއިން ލޯތްބާއި އޯގާތެރިކަން ނުލިބޭތީތަ ކޮއްކޮއަށް ތިހާބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ. ދޮންބެ ވަރަށް ކަންބޮޑުވޭ” ނިހާންއަކީ އޭނާގެ ކޮއްކޮ އާއި މެދު ވަރަށް ބޮޑަށް ވިސްނާމީހެކެވެ.
”ދޮންބޭ… އެއްވެސް ކަމެއްނުވޭ… އެއްވެސް ކަމެއްނުވޭ…” މިހެންބުނެފައި ނާހީ އޭނާގެ ކޮޓަރިއަށްގޮސް ދޮރުތަޅުލައިފިއެވެ. ހަމައެއާއެކު އޭނާއަށް ރޮވިއްޖެއެވެ.
ދޮންބެގާތު ދޮގުހެދުމަކީ އޭނާގެ ހަޔާތުގައި މިހާތަނަށްކުރި ކަމެއްނޫނެވެ. ކުރިމަތިވެފައިވާ ސިއްރުވެރި ނުރައްކަލުން ފުރިގެންވާ ކަންތައްތައް ގަނޑެއްގެ ސަބަބުން އޭނާޔަށް ވަނީ މިއަދު މަޖުބޫރުވެފައެވެ. އެއިންޒާރު ތަކުގެ ސިގުނަލް ވަނީ އަބަދުމެ އޭނާޔަށް ލިބެންދާކަހަލައެވެ. ނާހީ ކޮޓަރިޔަށް ވަނުމާއެކު އޭނާގެ ފަހަތުން އައިސް ކޮޓަރިއަށް ވަދެވޭތޯ އޭނާގެ ބޭބެމެން މަސައްކަތް ކުރިކަމުގައިވިޔަސް އޭނާ ދޮރެއް ނުހުޅުވިއެވެ.
”ނާހީ ދޮރުހުޅުވަބަލަ…..” ނިހާން ދޮރުގައި ތަޅަމުން ނާހީއަށް ގޮވަމުންދިޔައެވެ.
”
ދޮންބޭ ނާހީ މިހުރީ ފާޚާނާގައޭ. އެބަނުކުންނަން” މޫޑާއި ރާގު ބަދަލުކޮށްގެން ނާހީ ފާހާނާތެރެ ހުރެގެން ވާހަކަ ދެއްކި އަޑު އިވުނެވެ. ވުމާއިއެކު އެދުވަހުވެސް ނާހީގެ ފަރާތުން އެއްވެސް ކަމެއް ނިހާން މެނަކަށް މޭރުން ވާގޮތެއް ނުވިއެވެ
.
ޖެހިގެން އައި ހުކުރު ވިލޭރެއަކީ އެފަދަ އެހެން ހަފްތާ ބަންދެކޭވެސް އެއްފަދައިން ނާހީއަށް ބިރުވެރިކަމާއި ނާމާންކަމާއި ކުރިމަތިލާން ޖެހުނެވެ.
އެހެންރޭރެޔެކޭވެސް އެއްފަދައިން ނާހީ ކޮޓަރި އެތެރެއިން ތަންޑުވެސް އަޅުވައިފިއެވެ. އެހެންމެ ކުޑަދޮރުތައްވެސް ތަޅުލިއެވެ. އެއަށްފަހު ނިދާބޮކީގެ ފަނޑު އަލޯގެ ތެރޭގައި އޭނާ އެނދުގައި އޮށީވެއްޖެއެވެ. ހަގީގަތުގައި އޮށޯވެ އޮތަސް ނިދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެބިރުވެރިކަމާއި ކުރިމަތިލާކަށް އޭނާ ބޭނުމެއްނޫނެވެ.
(ނުނިމޭ)